Monday, November 15, 2010

ރައީސް ނަޝީދުގެ ވިސްނުންފުޅު ކިތަންމެ ތޫނަސް ރާއްޖެ އުފެދިފައި އޮތީ އެ ވިސްނުންފުޅާ އެއްގޮތަކަށް ނޫން


އެމްޑީޕީން ދަތުރުފަތުރުގެ ނިޒާމާ ބެހޭ ގޮތުން ދަރުބާރުގޭގައި ބޭއްވި އާންމު ބައްދަލުވުމަކުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު އަޅުގަނޑަށް ސިފަވާ "ބޮޑު މަންޒަރަކީ" މި އެވެ. އަޅުގަނޑު ބޭނުން ރަށަކަށް ބޭނުން އިރަކު ދާންވީ އެވެ. ބަނޑުފައިވުމާ އެކު ޖެހިގެން އޮތް ރަށަށް އެއް ގަޑިއިރުގެ ތެރޭގައި ކޮފީއަކަށް ދާންވީ އެވެ. ޖެހިގެން އޮންނަ ނުވަތަ އެއަށް ވުރެ ދުރު ރަށަކަށް ވެސް އެ ދުވަހަކު ގޮސް، އެ ދުވަހު އާދެވޭނެ އެވެ. ލޯބިވެރިޔާ އަކީ ކިތަންމެ ދުރު ރަށެއްގައި ހުރި ކުއްޖަކަށް ވިޔަސް ކޮންމެ ރެއަކު ބައްދަލު ކުރަން ދާންވީ އެވެ.
އެއީ ދަތުރުފަތުރުގެ މައިގަނޑު މިސްރާބެވެ. ހަމައެކަނި އަޅުގަނޑުގެ ހިތަށް އެރި އެއްޗަކަށް ވުރެ ބޮޑަށް އެއީ އެމްޑީޕީން ސަރުކާރާ ހަވާލުވީއްސުރެ އާންމުންގެ ސިކުނޑި އަށް ޖަހާ އިންޖެކްޝަން ޑޯޒެއްހެން އިރުއިރުކޮޅާ ދައްކަމުން އަންނަ ވާހަކައެކެވެ. އެ ވާހަކަތަކުގެ މައިގަނޑު މަފްހޫމަކީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމެވެ. ފަހަތުގައި ހުރީ ކޮންކޮން އުނދަގޫތަކެއްތޯ ބަލާފައެއް ނުވެ އެވެ. އެކަން ދަތުރުފަތުރުގެ ނިޒާމާ ގުޅިފައިވާ ޝަކުވާ ފުނިން މިއަދު ސާބިތުވާން އެބަ އޮތެވެ.
ރާއްޖެ ހަތް ސަރަހައްދަކަށް ބަހާލައި އެ ހަތް ސަރަހައްދުގައި ދަތުރުފަތުރުގެ ނިޒާމު ގާއިމްކުރަން ހަމަގައިމު ވެސް ބޭރުން ބަޔަކު އިންވެސްޓެއް ނުކުރި އެވެ. އެހެން ނަމަވެސް، ސަރުކާރުގެ ވިސްނުމުގައި އެކަން ކޮންމެހެން ވެސް ކުރަން ޖެހޭތީ އެކަން ކާމިޔާބުވާނެ ހުރިހާ އެހީތެރިކަމެއް ދީގެން އަމިއްލަ ޕާޓީތަކާ ހަވާލުކޮށްގެން ކުރިއަށް އެބަގެންދެ އެވެ. މިއީ ދަތުރުފަތުރުގެ ނިޒާމުގެ އެންމެ ޅަފަތުގެ ދުވަސްވަރު ކަމަށް ވާތީ މައްސަލަތައް ހުރީ ހައްލު ކުރަން އަތްލެވޭ ވަރަށް ވުރެ ހޫނުކޮށެވެ. އާންމުންގެ ޝަކުވާތައް ވަނީ ފުނި ޖެހިފަ އެވެ. ބައެއް އަތޮޅުތަކުގައި ގާއިމްކުރި ދަތުރުފަތުރުގެ ނިޒާމު އޮތީ ހުއްޓުމަކަށް އައިސްފަ އެވެ. ބައެއް ކުންފުނިތަކުގެ ފެރީތަކަށް ތެޔޮ އެޅޭނެ ގޮތެއް ނުވެގެން އުޅޭ ވާހަކަތައް ދޭތެރެ ދޭތެރެ އިން ފެންމަތިވެ އެވެ. ފެރީތަކުގެ ފެންވަރު ދަށްވުމާއި ސްޕީޑްގައި ނުދުއްވުމާއި އަގުބޮޑުވުމާއި ދުރު ރަށްރަށަށް ދޯނިފަހަރުގައި ދާން ޖެހުމަކީ މިއަދު ދިވެހިންނަށް ހަޖަމުކުރަން ދަތި ކަމެކެވެ.
"ކުރުކޮށް ދަންނަވާ ނަމަ ދަތުރުފަތުރުގެ ނިޒާމު މިއޮތީ މިކަހަލަ ޒަމާނެއްގައި އޮންނަންވާ ފެންވަރަށް ވުރެ ދަށުގައި. މިހާރު މީހަކު ބޭނުމެއް ނުވާނެ ގަދަ ކަނޑެއްގައި ނުދުވާ ދޯންޏަކަށް އަރާ އިންނާކަށް،" އަތޮޅު ތެރޭގެ ދަތުރުފަތުރަށް ނިސްބަތްކޮށް ތަޖުރިބާކާރު ބޭފުޅަކު، މަސްލަހަތަށްޓަކައި ނަން ނުޖަހަން އެދިވަޑައިގަންނަވަމުން، ވިދާޅުވި އެވެ.
ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅާލުމަކީ ރާއްޖެ އަށް ވާނެ ކަމެއް ނޫން ކަން ކުރީ ސަރުކާރުގެ ވަރަށް ގިނަ ބޭފުޅުން ވިދާޅުވި އެވެ. ބައެއް ބޭފުޅުން އެހެން ވިދާޅުވީ އެކި ސިފަސިފައިގައި އޭގެ ޓެކްނިކަލް މީހުން ލައްވައި ހަދާފައިވާ ދިރާސާތަކުގެ މައްޗަށް އިޝާރާތް ކުރައްވަ އެވެ. ކުރީ ސަރުކާރަށް އެކަން ނުވި މައިގަނޑު ސަބަބަކީ ހަރަދުގެ ގޮތުން ފޫބެއްދޭވަރުގެ ކަމަކަށް ނުވާތީ އެވެ. އެނގިފައިވާ ގޮތުގައި ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލައި، އެކަން ކިރިޔާ ވެސް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވޭނެ އޮތީ ހަމައެކަނި އައްޑު އާއި ފުވައްމުލަކު ހިމެނޭ ސަރަހައްދު އެކަންޏެވެ. ދެން ހުރި ސަރަހައްދުތަކަކީ ވިޔަފާރި އުސޫލުން އަތްލާން ހެޔޮވާ ވަރުގެ ތަންތަން ނޫން ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ.
އެމްޑީޕީގެ އަދި ރައީސް މުހަންމަދު ނަޝީދުގެ ވިސްނުންފުޅަކީ ރައްޔިތުން ރަށު ބަންދުން ވީއްލުމަށް އެ ނޫން ގޮތެއް ނެތް ކަމެވެ. އެމަނިކުފާނުގެ ވިސްނުންފުޅަށް އިހުތިރާމުކޮށް، އެކަން ތަންފީޒުކުރެވޭތޯ މަސައްކަތް ވެސް ކުރަން ޖެހެ އެވެ. އެއް ރަށް އަނެއް ރަށާ ގުޅި ލާމެހިއްޖެ ނަމަ އެއީ ރައީސް ނަޝީދު ވިދާޅުވާ ފަދައިން ތަރައްގީ އަށް އޮތް ކާމިޔާބެކެވެ. ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅުވާލުމަށް ތ. އަތޮޅު ސަރަހައްދު ދޯނި ސާވިސްއާ ހަވާލުކުރުމަށް ރައީސް އޮފީހުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ރީތި ގޮތުގައި ދިރިއުޅެވޭނީ ދަތުރުފަތުރު ކުރެވިގެން ކަމަށެވެ.
"އަޅުގަނޑުމެން އެންމެނަށް ވެސް އެނގޭ ރައްޔިތެއް ތަރައްގީވުމަށް، ގައުމެއް ކުރިއަރައި ދިއުމަށް ވަކި ހާއްސަ ކަންތައްތަކެއް ވަކި ގޮތަކަށް ކުރެވެން އެބަ ޖެހޭކަން. އޭގެ ތެރޭގައި ރައްޔިތުންނަށް ފަސޭހަކަމާ އެކީގައި އެއް ތަނުން އަނެއް ތަނަށް ދަތުރުކުރެވުމަކީ ކޮންމެހެން މުހިންމު ކަމެއްކަން، ކޮންމެހެން ބޭނުންތެރިކަމެއްކަން. އާއްމު މީހެއްގެ އާމްދަނީ އިތުރުކުރެވޭނީ، މުއްސަނދިކަން ގެނެވޭނީ، ތަނަވަސްކަން ހޯދޭނީ، ރިވެތި ގޮތުގައި ދިރިއުޅެވޭނީ، އެ މީހަކަށް ފަސޭހަކަމާ އެކީގައި އިތުބާރާއި އެކަށީގެންވާ އަގެއްގައި އެއް ތަނުން އަނެއް ތަނަށް ދަތުރުކުރެވުނީމަ،" ރައީސް ވިދާޅުވި އެވެ.
ވަރަށް ރަނގަޅު ވާހަކަފުޅެކެވެ. އެހެން ނަމަވެސް ރައީސް ނަޝީދުގެ ވިސްނުންފުޅު ކިތަންމެ ފުޅާވިޔަސް ރާއްޖެ އުފެދިފައި އޮތީ އެ ވިސްނުންފުޅާ އެއްގޮތަކަށް ނޫނެވެ. މީގައި ހުރިހާ ވެސް މައްސަލަ އަކީ ރާއްޖެ އުފެދިފައި އޮތް ގޮތެވެ. ދުއިސައްތަ ރަށުގައި މީހުން ދިރިއުޅޭއިރު މި ދެކެވޭ ވާހަކަ އަކީ އެއިން ކޮންމެ ރަށަކަށް ދަތުރުފަތުރުގެ ނިޒާމު ގާއިމްކުރަން ޖެހޭ ވާހަކަ އެވެ.
"ދަތުރުފަތުރުގެ ނިޒާމަކީ ރާއްޖޭގައި ވަރަށް ހަނިކޮށް އޮތް ފުރުސަތެއް. އަޅުގަނޑަށް ހަމަ ޔަގީން އެމްޑީޕީން މިކަން ކުރަން ބޭނުންވާ ގޮތަކަށް ނުވާނެ ކަން. އެހެން ނަމަވެސް ވެދާނެ ގޮތްތަކެއް އެބަހުރި. އައްޑު އަތޮޅުގައި އެއްގަމު ދަތުރުފަތުރުން ގުޅުވާލެވިދާނެ. ހަމައެގޮތަށް ބޮޑެތި ރަށްރަށަށް މާލެ އިން ލޯންޗުފަހަރު ދަތުރުކުރެވިދާނެ. އެކަމަކު އެކަން ވެސް ކުރެވޭނީ ވިޔަފާރީގެ ގޮތުން އުންމީދުތަކެއް އޮތް ރަށްތަކަކަށް. އެހެން ނޫނީ ސަރުކާރުގެ ހަރަދުގައި ނުވަތަ ކުންފުންޏެއްގެ ހަރަދުގައި މިކަމެއް އަބަދަކު ނުކުރެވޭނެ،" ދަތުރުފަތުރުގެ ދާއިރާގައި ކުރީގެ ސަރުކާރުގައި މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ. "އެމްޓީސީސީން މިހާރު ވެސް އެކަން ކުރަމުން އެބަދޭ. އޭރު ކުރި ދިރާސާއަކުން އެމްޓީސީސީ އަށް ފެނުނީ މިކަން ކުރެވެން އޮތީ ވަކި ރަށްތަކެއްގައި ކަމަށް. އެހެންވެ މިހާރު ވެސް އެ ރަށްތަކަށް ދަތުރުފަތުރުގެ ހިދުމަތް އެބަ ކުރިއަށް ގެންދޭ."
ރާއްޖޭގައި ކަނޑުގެ ދަތުރުފަތުރުގެ ހިދުމަތް ފަށާއިރު އެންމެ ބޮޑު ޝަކުވާއަކަށް ޔަގީނުން ވެސް ވާނީ އޭގެ ސްޕީޑެވެ. ހުޅުމާލެ އަށް 20 މިނެޓުން ދެވޭތީ އެކަން ބޮޑު ޝަކުވާއަކަށް ވެފައި އޮތް އިރު އެއަށް ވުރެ ދުރަށް އެއަށް ވުރެ ލަހުން ކަނޑުމަގު ހުސްކުރުމަކީ ދިވެހިންނާ ބީރައްޓެހި ކަމެކެވެ. އަދި ދުނިޔޭގައި އެންމެ ބާރަށް ދުއްވާ އެއްޗެހި ރާއްޖެ ގެނައި ނަމަވެސް ދިގު ދަތުރުތައް ކަނޑުމަގުން ކުރުމަކީ ރާއްޖޭގައި ކުރެވިދާނެ ކަމެއް ނޫން ކަން މެގަސްޕީޑް ލައިނާސް އާއި ހޯވާކްރާފްޓްގެ ތަޖުރިބާއިން ވެސް އެނގެ އެވެ. މީގެ 15 ވަރަކަށް އަހަރު ކުރިން އިރާނުގެ ބަޔަކު ރާއްޖޭގައި ދުއްވި މެގާ ސްޕީޑް ލައިނާސްގެ ބޮޑެތި އަވަސް ސްޕީޑް ހަލުއި ލޯންޗުފަހަރު ވެސް ރާއްޖެ އިން ފުރައިގެން ދިޔައީ އޭގެ މާކެޓް ނެތިގެން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަކީ ހިޔާލު ތަފާތުވެފައިވާ މައްސަލައަކަށް ވުރެ ބޮޑަށް ނުވާނެ ކަމެއް ކަމަށް ތަޖުރިބާކާރު ބޭފުޅުން ގަބޫލުކުރައްވަ އެވެ. އެހެން ނަމަވެސް އެކަން ވޭތޯ އެމްޑީޕީން ގަދައަޅައި މަސައްކަތްކުރާތީ އެކަމަށް މަރުހަބާ ކިޔަން ޖެހެ އެވެ. ރައީސް ނަޝީދު ވިދާޅުވާ ފަދައިން ހަގީގަތަކީ ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް ރަށު ބަންދުގައި ތިބި ކަމެވެ. އެހެން ނަމަވެސް، އެ ބަންދުގައި ތިބެން މިޖެހެނީ ރާއްޖެ އުފެދިފައިވާ ގޮތުންކަން ވެސް ހަނދާން ކުރަން ޖެހެ އެވެ. ރަށު ބަންދުން ވީއްލަން ބޭނުން ނަމަ ދެން އޮތް އެހެން ވިސްނުންތަކަކަށް ދާން އެބަ ޖެހެ އެވެ. ދަތުރުފަތުރުގެ ކުރިމަގާއި ޝަކުވާތަކާއި އޮޅުންބޮޅުމާއި ސްޕީޑް އަޅުގަނޑުމެންގެ ކުރިމަތިން ހުޅުލެ އާއި ހުޅުމާލޭގެ ފެރީތަކުން އަބަދު މިއޮންނަނީ ފެންނާށެވެ. އެކަން އިސްލާހު ނުވެގެން އުޅޭއިރު މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަމައަކަށް އެޅުވޭނެ ގޮތެއް ނުވިސްނެ އެވެ.

No comments:

Post a Comment