މާދަމާއަކީ 1431 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހެވެ. އެހެންކަމުން ލިޔެސް އޮންލައިންގެ ފަރާތުން ތި އެންމެ ކިޔުންތެރިންނަށް ބަރަކާތްތެރި އަޟްޙާ ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރަމެވެ. އުފާވެރިކަންމަތީ އެދުވަސް ފާހަގަ ކުރުމަށް ގޮވާލަމެވެ. އަޅުކަންތަކުގައި ހީވާގިވެ އުޅެމުން ޢީދުގެ އުފަލުގައި ވެސް ބައިވެރިވާށެވެ. އެކަކު އަނެކަކާއި އޮތް ގާތްކަމާއި އެކުވެރިކަން އިތުރަށް ވަރުގަދަ ކުރާށެވެ. ޢީދަކީ ޢީދު ކަމުގައި ހަދާށެވެ. މިއީ މުސްލިމުން އުފާ ފައުޅު ކުރުމަށް ﷲ ކަނޑައަޅުއްވާދެއްވާފައިވާ ދުވަހެކެވެ. އެހެންނަމަވެސް، އަޅުކަންތަކުގެ މަތިން ހަނދުމަނައްތާލުމަކަށް އެކަލާނގެ އަމުރެއް ނުކުރައްވަތެވެ. އެދުވަހުގައި ވެސް ފަރުޟު ފަސްނަމާދު ކުރަން ޖެހޭނެއެވެ. ﷲ އަށް ޛިކުރު ކުރުމުގައި ދޫ ތެއްމަން ޖެހޭނެއެވެ. މުޅި ދުވަސް އެއްކޮން ކުޅިވަރާއި މަޖަލުގައި ހޭދަކޮށްލުމުގެ ބަދަލުގައެވެ. އޭރުން އެދުވަހުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ހިތަށް ވެރިވެގެން ދާނެއެވެ.
ޢީދު ފެށިގެން މިދަނީވެސް ނަމާދަކުންނެވެ. މަތިވެރި އަޅުކަމަކުން ނެވެ. ވީމާ، މިއަޅުކަމުގައި ބައިވެރިވުމަކީވެސް ހަމަ ކޮންމެ މުސްލިމަކު ވަރަށް ސަމާލްވާން ޖެހޭނެކަމެކެވެ. ޢީދު ނަމާދަށް ދިޔުމުގެ ކުރިން ފެންވަރާ ސާފްޠާހިރުވެ ހުރެ ދިޔުމަކީ ސުންނަތެކެވެ. ހިނައިގަތުމާއި އަޟްޙާ ޢީދު ނަމާދަށް ދާއިރު އެއްޗެއް ނުކައި ފައިމަގުގައި ދިޔުމަކީވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތެކެވެ. ޢީދު ނަމާދަށް ދާ މަގާއި އެނބުރި ގެއަށް އަންނަ މަގު ތަފާތު ކުރުމަކީވެސް ނުހަނު އެދެވިގެންވާ އެކަލޭގެފާނުގެ ސުންނަތެކެވެ. އެއްމުސްލިމަކު އަނެއް މުސްލިމަކަށް ޢީދުގެ ތަހްނިޔާ ފޮނުވުމަކީ ވެސް ޢީދު ދުވަހުގެ ޢަދަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ވީމާ، މި ޢަދަބުތަކުގައި ހިފާ، އެކަލޭގެފާނުގެ ސުންނަތް ދިރުވޭތޯ މަސައްކަތް ކުރަމާ ހިންގަވާށެވެ. އުފާވެރި ޢީދަކަށް މި ޢީދު ވޭތޯ އެވެ.
" މުސްލިމް އަޚުނާއި އުޚުތުންނަށް ފޮނުވާމީޔޭ ޢީދު ތަހާނީ
ބަރަކާތްތެރިވީ ޢީދުދުވަސް އައުމުންނޭ ހިތްތަށްނަށަނީ
ރީތިވި ނާޒުކު ޗާލުމެލާމެލި ފޮޅެމުން ކިޔަނީ ޢީދު މުބާރިކް
ރީތިނަޔާ ފިނިފެންމަލުން ޢީދު އުފަލުގައި ކުރަމެ ވެދުން

No comments:
Post a Comment